ޢަރަފާތްދުވަހު ރޯދަ ހިފުން

ޢަރަފާތް ދުވަހު ރޯދަ ހިފުން ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ސުންނަތުން ޘާބިތުވެގެންވާ މަތިވެރި ދަރުމަ ލިބިގެންވާ އަޅުކަމެކެވެ. އިމާމް މުސްލިމް އެބޭފުޅާގެ ޞަޙީޙުގައި (1162) ނެރުއްވާފައިވާ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ޢަރަފާތު ދުވަހު ރޯދަހިފުމަކީ، އިސްވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ (ކުދި) ފާފަތައް ފުއްސަވައިދެއްވުމުގެ ސަބަބެއްކަމުގައި ވެގެން ދިޔުމަށް ތިމަންނަބިއްޔާ، ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކުރައްވަމެވެ.” ޢަރަފާތް ދުވަހަކީ ﷲ ތަޢާލާ އަހަރެމެންގެ މި ދީން ފުރިހަމަކުރައްވާ އެކަލާނގެ ޙަޟްރަތުގައި ރުހިވެޑިގެންވާ ދީނަކީ އިސްލާމްދީން ކަމުގައި ބަޔާންކުރެއްވި ދުވަހެވެ. އަދި އެ ދުވަހަކީ، ﷲ ތަޢާލާ އެންމެ ގިނައިން ނަރަކައިން މީސްތަކުން މުއްތި ކުރައްވާ ދުވަސްކަމުގައި ޙަދީޘްތަކުގައި ވާރިދުވެގެންވާ، މާތް މަތިވެރި ދުވަހެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާވަންތަވެރިކަމުން، އަޅުތަކުންނަށް ހެޔޮކަމުގެ ފުރުޞަތުތަށް ވަނީ ހުޅުއްވާލައްވާފައެވެ. އެގޮތުން، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާއަށްވެސް މި ދުވަހުގެ މަތިވެރިކަން ޙާޞިލު ކުރެވޭނޭ މަގު އެކަލާނގެ އެވަނީ ފަހިކޮށްދެއްވާފައެވެ. އެކަލާންގެ ދީލަތިވަންތަ ކަމަށް ފުރަގަސްދޭ ބައެއްކަމުގައި އަހަރެމެން ވެގެން ނުވާނެއެވެ. ...

June 13, 2024 · 1 މިނިޓް