ޢަރަފާތް ދުވަހުގެ މާތްކަން
މިއީ ޝޭޚް ޢަބްދުއްރައްޒާޤް އިބްނު ޢަބްދުލް މުޙްސިން އަލް ބަދްރު -حفظه الله- މިނާގައި ހުންނަ މަސްޖިދުލް ޚައިފް ގައި ދެއްވާފައިވާ ދަރުހެއްގެ ޚުލާޞާއެކެވެ.
- ޢަރަފާތްދުވަހުގެ މަތިވެރިކަން ކޮންމެ މުސްލިމަކުވެސް ދެނެގަންނަން ޖެހެއެވެ. އަދި ޚާއްޞަކޮށް ޢަރަފާތުގައި އެދުވަހު ހުންނަމީހާއަށް މި ދުވަހުގެ މާތްކަން އެނގިފައި އޮތުން ވަރަށް މުހިންމެވެ.
- ޢަރަފާތް ދުވަހުގެ މަތިވެރިކަމާއި ޘަވާބަކީ ހަމައެކަނި ޢަރަފާތުގައި އެ ދުވަހު ހުންނަ މީހާއަށް އެކަނި ޚާއްޞަ ކުރެވިފައިވާ ކަމެއް ނޫނެވެ. އެހެނީ އެދުވަހު ޢަރަފާތުގައި ހުރުމުގެ ތައުފީޤު ނުލިބުނު މީހާއަށް އެ ދުވަހުގައި ރޯދަހިފުމަކީ ސުންނަތް ވެގެންވާ އަޅުކަމެއް ކަމުގައި ﷲ ތަޢާލާ ވަނީ ލައްވާފައެވެ. އެއީ ޙަދީޘްފުޅުގައި ވާ ފަދައިންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ޢަރަފާތު ދުވަހު ރޯދަހިފުމަކީ، އިސްވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ (ކުދި) ފާފަތައް ފުއްސަވައިދެއްވުމުގެ ސަބަބެއްކަމުގައި ވެގެން ދިޔުމަށް ތިމަންނަބިއްޔާ، ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކުރައްވަމެވެ.” އަދި އަރަފާތް ދުވަހުގެ ރޯދައަކީ މުޅި އަހަރު ތެރޭގައި ހިފޭ އެންމެ ސުންނަތްކަން ގަދަވެގެންވާ ރޯދައެވެ.
- އެހެންނަމަވެސް، އެދުވަހު ޢަރަފާތުގައި ހުންނަ މީހާއަށް އެދުވަހު ރޯދަ ހިފުމަކީ ސުންނަތްވެގެންވާ ކަމެއް ނޫނެވެ. އެހެނީ، ޙައްޖުވެރިޔާ އެ ދުވަހު ރޯދަ ހިފުމަކީ، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވާ ކަމެއް ކަމުގައި ނުވާތީއެވެ. މިކަން އެނގިގެން ދަނީ، ޙައްޖަތުލް ވަދާޢުގައި ނަބިއްޔާ صلى الله عليه وسلم ހުންނެވީ ރޯދައަށްތޯ ނުވަތަ ނޫންތޯ ޞަހާބީ ބޭކަލުންގެ މެދުގައި ސުވާލު އުފެދުމުން، އަންހެން ޞަޙާބީއްޔާ އެއް ކަމުގައިވާ އުންމުލް ފަޟްލު رضي الله عنها އެކަން ޔަޤީން ކުރެއްވުމަށްޓަކައި، ނަބިއްޔާ صلى الله عليه وسلم އަށް ކަންވާރެއްގައި ކިރުފޮދު އެރުވުމުންނެވެ. އެހިނދު އެކަލޭގެފާނު އެ ކިރުފޮދު ހިތްޕެވިއެވެ. އެހިނދު މީސްތަކުންނަށް އެ ދުވަހު ނަބިއްޔާ صلى الله عليه وسلم ހުންނެވީ ރޯދައަށް ނޫންކަން ޔަޤީންވެ ވަޑައިގަތެވެ.
ޢަރަފާތް ދުވަހުގެ މަތިވެރިކަން ބަޔާންވެގެންވާ ބައެއް ޙަދީޘްފުޅުތައް
ޢަރަފާތް ދުވަހުގެ މަތިވެރިކަން ބަޔާންވެގެންވާ ޙަދީޘްބަސްފުޅުތަކުގެ ތެރޭގައި:
-
ޢުމަރް رضي الله عنه އަރިހުގައި، ޔަހޫދީންގެ ބަޔަކު ބުންޏެވެ. މި އާޔަތް ތިމަންނާމެންގެ މަޗަށް ބާވާލެއްްވުނު ނަމަ، ތިމަންމެން އެ ދުވަސް ޢީދެއްގެ ގޮތުގައި ހެދީމުހެވެ. ފަހެ ޢުމަރު رضي الله عنه ވިދާޅުވިއެވެ. އެއީ ކޮން އާޔަތެއް ތޯއެވެ؟ އެމީހުން ބުންޔެވެ. އެއީ (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا) (މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.) މިއާޔަތެވެ. އެހިނދު ޢުމަރު رضي الله عنه ދެންނެވިއެވެ. ތި އާޔަތް ބާވާލެއްވުނީ ކޮންތަނެއްގައި ކަން ތިމަންނާއަށް ހަމަޔަޤީނުންވެސް އެނގެއެވެ. ތި އާޔަތް ބާވާލެއްވުނީ ރަސޫލާ صلى الله عليه وسلم ޢަރަފާތުގައި ހުންނަވަނިކޮށެވެ." (ބުޚާރީ: 4407)
ޢަރަފާތް ދުވަހަކީ އެކަލާނގެ މި ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އެ ދުވަހުގެ ފަހުން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެއްވެސް ޙަލާލެއް އަދި ޙަރާމެއްވެސް ބާވާނުލައްވަވައެވެ.
-
ޞަޙީޙު މުސްލިމްގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. " ޢަރަފާތްދުވަހަށްވުރެ ގިނައިން، ﷲ ތަޢާލާ އަޅުތަކުން ނަރަކައިން މިންޖު ކުރައްވާނޭ ދުވަހެއް ނުވެއެވެ. އަދި އެދުވަހު އެކަލާނގެ އަޅުތަކުންނާ ކުއްތަންވެވަޑައިގަތުމަށްފަހު (ގާތްވެވަޑައިގަތުމަށްފަހު) މަލާއިކަތްބޭކަލުންގެ އަރިހުގައި މުބާހާތުކުރައްވާ (އެބަހީ: ފަޚުރުވެރިވަޑައިގަންނަވާ) ވަޙީކުރައްވާނެއެވެ. އެބައިމީހުން ބޭނުންވަނީ ފަހެ ކޮންކަމެއްތޯއެވެ؟ " (މުސްލިމް: 1348)
މި ޙަދީޘްފުޅުގައި ހަތަރު ފައިދާއެއް ޖަމާވެގެންވެއެވެ.
-
ޢަރަފާތް ދުވަހަކީ މުޅި އަހަރު ތެރޭގައިވެސް އެންމެ ގިނަ އަޅުތަކުން ނަރަކައިން ސަލާމަތްކުރައްވާދުވަހެވެ. މިކަން ބަޔާންވެގެންވުމުން، އަހަރެމެންގެ އުންމީދު އާކުރަން ޖެހެއެވެ. އަދި ގަދަ ހިތްވަރުލާ މަސައްކަތްކުރަން ޖެހެއެވެ. އަދި އެކަލާނގެ އާ އިތުރަށް ގުޅުން ބަދަހިކުރަން ޖެހެއެވެ.
-
ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނާ އެދުވަހު ގާތްވެވަޑައިގަންނަވާނެއެވެ. މިއީ އެކަލާންގެއަށް އީމާންވާ އަޅުތަކުންގެ ގާތުގައި ވަރަށް މުހިންމު އަދި އެހާމެ މަތިވެރިވެގެންވާ ކަމެކެވެ. އެކަލާނގެ މި ގާތްވެ ވަޑައިގަތުމުން އަޅުތަކުންނަށް ލިބިގެންދާނޭ ރަޙުމަތްތަކާއި، އިޖާބަކުރެވިގެން ދާނޭ ދުޢާތަކާއި މެދު ނިކަން ވިސްނާލާށެވެ!
-
ﷲ ތަޢާލާ މަލާއިކަތްބޭކަލުންގެ އަރިހުގައި މުބާހާތު ކުރައްވާނެއެވެ. މިކަމުން ދޭހަވެގެންދަނީ، އެ ބައިމީހުންގެ ދުޢާތައް އިޖާބަ ކުރައްވާ، ފާފަތަށް ފުއްސެވައި ދެއްވާނޭކަމެވެ. އެހެނީ، ފާފަތަކުގެ އަހުލުވެރިންނާއި މެދު އެކަލާންގެ ފަޚުރުވެރިވެވޮޑި ނުގަންނަވާނެކަން ކަށަވަރެވެ.
-
ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. “އެބައިމީހުން ބޭނުންވަނީ ފަހެ ކޮންކަމެއް ތޯއެވެ؟”. ވިސްނާލާށެވެ! މި ފަދައިން މި ވަޙީ ކުރައްވަނީ މި ޢާލަމްތަކުގެ ވެރި ރައްބެވެ. އެހެންކަމުން ހަނދުމަ ކުރާށެވެ! އެއްވެސް ފާފައަކީ ނުފުއްސެވޭނޭ ވަރުގެ ބޮޑު ފާފައެއް ކަމުގައި ނުދެކޭށެވެ! މި ފަދައިން އެކަލާނގެ ބަސްފުޅު ވަޙީކުރެއްވުމުން އެނގިގެން މި ދަނީ، އެކަލާނގެއަށް ދުޢާދަންނަވާ އަޅުތަކުންގެ ދުޢާ އިޖާބަ ނުކުރައްވާ މާޔޫސްވެގެންވާ ބައެއް ކަމުގައި އެކަލާންގެ އެބައިމީހުން ނުލައްވާނެކަމެވެ. މި ދުވަހު ގިނަގިނައިންދުޢާ ކުރައްވާށެވެ!
އިމާމު ފުޟައިލު ބުން ޢިޔާޟް رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ. ޢަރަފާތްދުވަހުގެ މެންދުރުގެ ވަގުތު މީސްތަކުން ކަރުނަ އަޅައި ދެއަތްތައް އުފުލައިގެން ދުޢާކުރަން ތިބި މަންޒަރު ފެނިވަޑައިގެން، އެބޭފުޅާ ވިދާޅުވިއެވެ. މަދު މިންވަރެއްގެ ފައިސާކޮޅެއް ލިބޭތޯ އިންސާނެއްގެ ގާތަށް މީހަކު ގޮސް، މި ފަދައިން ދެރަވެ ސަލާން ޖަހައިފިނަމަ، ތިބާ ދެކޭގޮތުގައި، އޭނާ އެމީހުންނާއި މެދު ކަންކުރާނީ ކިހިނަކުން ހެއްޔެވެ؟ އެބައިމީހުންނަށް އެ މަދު ފައިސާކޮޅު ނުދީ އެބައިމީހުން އަނބުރާ ފޮނުވާލާނެ ހެއްޔެވެ؟ އެބައިމީހުން ބުންޔެވެ. ނޫނެކެވެ. އެހިނދު އެބޭފުޅާ ދެންނެވިއެވެ. ﷲ ގަންދީ ބުނަމެވެ. ފާފަ ފުއްސެވުމަކީ، ﷲ ތަޢާލާގެ ޙަޟްރަތުގައި، އިންސާނަކު އެ މަދު ފައިސާ ކޮޅު މީހަކަށް ދިނުމަށްވުރެ މާ ފަސޭހަ ވެގެންވާ، އާދައިގެ ކަމެކެވެ."
އެހެންކަމުން އެކަލާންގެ ޙަޟްރަތުން ހެޔޮކޮށް އުންމީދު ކުރާހުށިކަމެވެ! އަދި އެކަލާނގެ ރަޙްމަތުން އުންމީދު ކަނޑާނުލާ ހުށިކަމެވެ!
-
-
ޢަރަފާތް ދުވަހަކީ ދުޢާކުރުމުގެ ދުވަހެކެވެ. އަދި އެދުވަހު ކުރާ ދުޢާ އަކީ އިޖާބަކުރެވުން ވަރަށްބޮޑަށް އެދެވިގެންވާ ދުޢާ އެކެވެ. މިކަން ބަޔާންވެގެންވާ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. " އެންމެ ހެޔޮވެގެންވާ ދުޢާ އަކީ؛ ޢަރަފާތްދުވަހުގައި ކުރެވޭ ދުޢާއެވެ. ތިމަންނަބިއްޔާއާއި ތިމަން ނަބިއްޔާގެ ކުރިން އިސްވެދިޔަ އެންމެހައި ނަބިއްޔުން ކުރެއްވި އެންމެ ހެޔޮވެގެންވާ ދުޢާއަކީ: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ (ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އެ އިލާހު އެއްކައުވަންތައެވެ. އަދި އެއިލާހަށް އެއްވެސް ޝަރީކަކު (ބައިވެރިޔަކު) ނުވެއެވެ. ވެރިކަން މިލްކުވެގެންވަނީ ހަމައެކަނި އެއިލާހަށެވެ. އަދި އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީވެސް ހަމައެކަނި އެއިލާހަށެވެ. އަދި އެއިލާހީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހެވެ.) މި ދުޢާއެވެ."
-
މި ދުޢާގައި ވަރަށްބޮޑު ސިއްރެއް އެކުލެވިގެންވެއެވެ. މި ދުޢާއިން އެނގިގެންދާ އެންމެ މުހިންމު އެއްކަމަކީ؛ ތައުޙީދަކީ ނުވަތަ ﷲ އެއްކައުވަންތަ ކުރުމަކީ، ދުޢާ ޤަބޫލުވުމުގެ ތަޅުދަނދިކަމުގައި ވުމެވެ. އަދި އެއީ، އެންމެހައި ހެވަކާއި އަދި ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމާއި ކާމިޔާބީގެ އަސާސުވެސްމެއެވެ.
އެހެންކަމުން މި ތައުޙީދު ހިތުގައި އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. މިދުޢާއިން މި ލިއްބައިދެނީ އެ ފިލާވަޅެވެ.
މިއީ ހަމައެކަނި ދުލުން ކިޔާލުމުން އޭގެ ފައިދާ ކުރާނޭ ދުޢާއެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ މި ކަލިމަ ތަކަކީ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި ޔަޤީންކަމާއި ފުރިހަމަ އީމާންކަމާއެކު ކިޔައިގެން މެނުވީ ފައިދާ ނުކުރާނޭ ކަލިމަތަކެކެވެ. އެހެނީ لا إله إلا الله މި ކަލިމައަކީ؛ ސުވަރުގޭގެ ތަޅުދަނޑިއެވެ. ނަމަވެސް ސަލަފުންގެ ބޭކަލެއް ކަމުގައި ވާ ވަހްބު ބުން މުނައްބިހް رحمه الله ވިދާޅުވެފައިވާ ފަދައިން، ކޮންމެ ތަޅުދަނޑި އަކަށްވެސް ތުނޑުތަކެއްވާނެއެވެ. އެ ތުނޑުތައް ހަމަވެފައިވާ ތަޅުދަނޑި އަކުން މެނުވީ އެއްވެސް ތަޅެއް ނުހުޅުވޭނެއެވެ. އެހެންކަމުން މި ކަލިމައިގެ ވެސް ރުކުންތަކާއި ޝަރުޠުތކާއި ވާޖިބުތަށް ފުރިހަމަ ވާންޖެހޭނެއެވެ. އެހެންނޫން ކަމުގައިވާނަމަ އެ ކަލިމަ ހަމައެކަނި ދުލުން ކިޔާލުމުން ކުރާނެ ފައިދާއެއް ނެތެވެ.
لا إله إلا الله މި ކަލިމައިގެ މާނައަކީ؛ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނެތެވެ. އަދި މި ކަލިމަ ކިޔާމީހާ އިޤުރާރު އެ ވެވެނީ، ތިމަންނާ މުޅި ދީން ﷲ ތަޢާލާއަށް ޚާލިޞްކުރާޙާލު، އެކަލާނގެ މެނުވީ އެހެން އެއްވެސް އިލާހަކަށް އަޅުކަމެއް ނުކުރާ ކަމަށާއި، އެކަލާނގެ އެއްކައުވަންތަ ކަމަށާއި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާކަމަށެެވެ.
ދުޢާތަކުގެ ތެރެއިންވެސް މި ދުޢާ މާތްވެގެން މި ދިޔަ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި: ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ދުޢާއަކީ؛ އެއީ އަޅުކަމެވެ.” އެހެނީ، ތައުޙީދާ ނުލައި އެއްވެސް އަޅުކަމެއް ޤަބޫލުނުވާނޭކަމުން، އެންމެ މާތް އަޅުކަން ކަމުގައިވާ، ދުޢާވެސް ތައުޙީދާ ނުލައި ޤަބޫލުވެވޮޑިގެންނުވެއެވެ.
އެހެނީ މިޒަމާނުގައި ފެންނަ ހިތާމަވެރި އެއް ކަމަކީ؛ ބައެއް މުސްލިމުން لا إله إلا الله ކިޔުމަށްފަހު، ކޮންމެވެސް އެހެން ފަރާތެއްގެ ކިބައިން މަދަދަށް އެދުމެވެ. މިއީ، އެ ކަލިމައާ މުޅިން ފުށޫއަރާ ޢަމަލެކެވެ. އަދި ޝިރުކުގެ ތެރެއަށް ވަދެގެންދާނޭ ޢަމަލެއްވެސް މެއެވެ.
އެހެންކަމުން، ތައުޙީދާއި އީމާންކަން ހިތުގައި އާކޮށް އާލާކުރަން ޖެހޭނެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ. “ހެދުމުގެ ފޮތި ބާވެ އިރައިގެންދާ ފަދައިން، ހަމަކަށަވަރުން ތިޔަބައިމީހުންގެ ހިތްތަކުގައިވާ އީމާންކަންވެސް ބާވެ އިރައިގެންދާނެއެވެ. ފަހެ، ތިޔަބައިމީހުންގެ ހިތްތަކުގައިވާ އީމާންކަން އާކޮށް އާލާކޮށްދެއްވުމަށްއެދި، ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ!” (ޠަބަރާނީގެ މުޢުޖަމުލް ކަބީރް 36/13 )
-
ދުޢާ ކުރާއިރު އެކަލާނގެ، އެ ދުޢާ އިޖާބަކުރައްވާނެކަމުގެ ޔަޤީން ކަމާއެކު ދުޢާކުރާ ހުށިކަމެވެ. އަދި ދުޢާ ކުރާއިރު ބޭކާރު ކަންކަމާ ދުރުހެލިވާށެވެ.
-
ހަމަކަށަވަރުން ދުޢާއަކީ؛ ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމުގެ ތަޅުދަނޑިއެވެ.
ސަލަފުންގެ ބޭކަލެއް ކަމުގައިވާ މުޠައްރިފް ބިން ޢަބްދި ﷲ އައް ޝިއްޚީރް رحمه الله ވިދާޅުވެފައިވެއެވެ. “ހެޔޮކަންކަމާ މެދު ތިމަންނާ ފިކުރު ކޮށްލީމެވެ. އެއީ ވަރަށް ގިނަގުނަވެގެންވާ ކަންތައްތަކެއްކަމުގައި ތިމަންނާއަށް ފެނުނެވެ. (އެހެނީ: ނަމާދާއި ރޯދަޔާއި ޙައްޖާއި މިނޫންވެސް އެންމެހައި ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ކަންކަން އޭގެ ތެރޭގައިވެއެވެ.) ދެން އެ ހެޔޮކަންކަމަށް ބަލާލުމުން އެނގިގެން ދަނީ އެއިން ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ އަތްޕުޅުގައިވާ ކަންކަން ކަމެވެ. ފަހެ، ހަމަކަށަވަރުން ދުޢާ އަކީ ދުނިޔެއާއި އާޚިރަތުގައި ވާ އެންމެހައި ހެޔޮކަމެއްގެ ތަޅުދަނޑިކަމުގައި، އެހިނދުން ތިމަންނާ ޔަޤީންކުރީމެވެ. "
ދަންނާށެވެ! ﷲ ތަޢާލާ އިޞްލާޙުކޮށްދެއްވައިގެން މެނުވީ، ތިބާއަށް ތިބާގެ ދީނެއްވެސް، ދުނިޔެއެއްވެސް އަދި އާޚިރަތެއްވެސް އިޞްލާޙުވެ ހެޔޮވެގެން ނުދާނެއެވެ. އެހެންކަމުން އެކަލާނގެ ޙަޟްރަތުގައި ގިނަގިނައިން ދުޢާ ދަންނަވާށެވެ. އެ ދުޢާއިން އެއްކިބާވެގެން، ތިބާއަށް އެނޫން އެއްވެސް ކަމަކުން ފުދުންތެރިކަމެއް ނުވެއެވެ.
-
ދުޢާ ކުރުމުގައި އަހަންމިއްޔަތުކަން ދޭންވީ އެއްކަމަކީ، ދުޢާގައި ތިބާގެ ނިކަމެތިކަމާއި އެކަލާނގެއަށް ބޭނުންޖެހިގެންވާ މިންވަރު ފާޅުކުރުމެވެ.
-
އަދި ދުޢާކުރުމުގައި، ވިސްނަންވީ ކަންކަމުގެ ތެރޭގައި، ތިބާއަށް ޚާއްޞަކޮށް ދުޢާ ކުރުމަށްފަހު، އެ ދުޢާގައި މައިބަފައިންނާއި، ތިބާ ލޯބިވާ މީހުންނާއި، އެންމެހައި މުސްލިމުންނާއި އެންމެހައި މުއުމިނުންވެސް ހިމެނުމެވެ. އެހެނީ، ތިބާ އެހެން މީހަކަށް ދުޢާ ކުރާ ކޮންމެ ފަހަރަކު، މަލާއިކަތްބޭކަލުން ތިިބާއަށްވެސް އެފަދައިން ދުޢާ ދަންނަވާނޭ ކަމުގައި ޙަދީޘްފުޅުތަކުން ޘާބިތުވެއެވެ.
-
ދުޢާކުރާއިރު، ޤައުމުގެ ވަލިއްޔުލް އަމްރަށް ހެޔޮ ތައުފީޤު ދެއްވުމަށާއި، އެބޭފުޅާގެ ޢަމަލުތަކާއި، ގާތުގައިވާ މީހުން އިޞްލާޙުކޮށްދެއްވުމަށް އެދި ދުޢާކުރުމަށް އިސްކަންދޭންވާނެއެވެ. އެހެނީ ވެރިޔަކު ހެޔޮވެ އިޞްލާޙުވެއްޖެ ނަމަ، އޭނާގެ ރައްޔިތުން އިޞްލާޙުވުން ގާތްވެގެންވެއެވެ. އަދި މިފަދަ މޫސުމެއްގައި، ސަޢޫދީ ޢަރަބިއްޔާގެ ވެރީންނަށް ހެޔޮ ދުޢާކޮށް އެބަމީހުންގެ ޢަމަލުތަށް އިޞްލާޙޫކޮށްދެއްވުމަށާއި، އެބައިމީހުން ޙައްޖުގެ މި މާތް އަޅުކަމުގެ ކަންކަން ބެލެހެއްޓެވުމުގައި އެ ބަހައްޓަވާ އަހަންމިއްޔަތަށް ޓަކައި، އެބައިމީހުންނަށް ހެޔޮ ދަރުމަ ދެއްވުން އެދި ދުޢާ ކުރުން އެދެވިގެންވެއެވެ.
-
އަދި ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި ދުޢާކުރާއިރު ދެ އަތް އުފުލައިގެންހުރެ ދުޢާކުރުން ހިމެނިގެންވެއެވެ. މިކަމަކީ ނަބިއްޔާ صلى الله عليه وسلم ވަރަށް ބޮޑު އިސްކަމެއްދެއްވާފައިވާ ކަމެއްކަން ސުންނަތުން ޘާބިތުވެއެވެ.
މިއީ ޝޭޚް حفظه الله ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ކުރު ޚުލާޞާ އެކެވެ. މި ލިޔުންކޮޅުން ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ. އަދި މި ޢަމަލަކީ، ﷲ ތަޢާލާއަށް އިޚްލާޞްތެރިކަމާއެކު ކުރެވޭ ޢަމަލެއްކަމުގައި ލެއްވާށިއެވެ. އާމީން!