ރަހުމަތްތެރިޔާގެ ޝަރުތުތައް

ބޮޑު ޢިލްމުވެރިއެއް ކަމުގައިވާ އިބްނު ޖުޒައްޔު އަލްޣަރްނާޠީ رحمه الله ވިދާޅުވެފައިވެއެވެ.

" މީސްތަކުންގެ (ތެރޭގައި) ތިން ވައްތަރެއްގެ މީހުންވެއެވެ:

  • (ފުރަތަމައީ) ރައްޓެހިންނެވެ. އަދި އެއީ (މިސްތަކުންގެ) ތެރެއިން މަދު ބައެކެވެ.
  • (ދެވަނައީ) ދަންނަ މީހުންނެވެ. އަދި އެއީ (މިސްތަކުންގެ ތެރެއިން) ތިބާއަށް އެންމެ ގެއްލުން ބޮޑު މީހުންނެވެ.
  • (ތިންވަނައީ) އެމީހަކު ތިބާ ނުދަންނަ، އަދި ތިބާވެސް އެމީހަކު ނުދަންނަ މީހާއެވެ.  ފަހެ ތިބާ ވަނީ އޭނާގެ ކިބައިން ސަލާމަތްވެގެންނެވެ. އަދި އޭނާވެސް ވަނީ ތިބާގެ ކިބައިން ސަލާމަތްވެގެންނެވެ.

ފަހެ، (އިސްވެ ދިޔަ ވައްތަރުތާކުގެ ތެރެއިން) އެކުވެރިޔާއާ ބެހޭގޮތުން (ތަފްޞީލެއް) ދަންނަވާނަމަ، އެ އެކުވެރިޔެއްގެ ޝަރުތުތައް ހަތެކެވެ.

  • ފުރަތަމައީ: (އޭނާއަކީ) ޢަޤީދާގައި ސުންނީ އަޤީދާގެ މަތީގައިވާ މީހަކަށް ވުމެވެ.

  • ދެވަނައީ: (އޭނާއަކީ) އޭނާގެ ދީނުގައި ތަޤްވާވެރިއަކު ކަމުގައި ވުމެވެ. ފަހެ ހަމަ ކަށަވަރުން، އޭނާއަކީ ބިދުޢައިގެ އަހުލުވެރިއެއް، ނުވަތަ ފާސިޤެއް (ފާފަތަކުގެ އަހުލުވެރިއެއް) ކަމުގައި ވެއްޖެނަމަ، ފަހަރުގައި، އޭނާގެ އެކުވެރިޔާވެސް (އޭނާ އެގޮތެއްގެ މަތީގައިވާ ބާޠިލު) ގޮތަށް ގެންގޮސްދާނެއެވެ. ނުވަތަ، ތިބާއަކީ (އެފަދަ ބާޠިލެއްގެ މަތީގައިވާ) މީހެއްކަމަށް މީސްތަކުންނަށް ހިވެދާނެއެވެ. އެހެނީ، ކޮންމެ މީހަކުވެސް ވާހުށީ އެމީހާގެ ގާތް އެކުވެރިޔާގެ ދީނުގެ (ގޮތުގެ) މަތީގައެވެ.

  • ތިންވަނައީ: (އޭނާއަކީ) ބުއްދި ސަލާމަތުންހުރި (ބުއްދިވެރި) މީހެއް ކަމުގައި ވުމެވެ. އެހެނީ، (ބުއްދިއެއްނެތް) މޮޔައަކާ އޮންނަ އެކުވެރިކަމަކީ (ތިބާއަށް ހުރި) މުޞީބާތެކެވެ.

  • ހަތަރުވަނައީ: (އޭނާއަކީ) އަޚްލާޤު ރަނގަޅު މީހެއްކަމުގައި ވުމެވެ. އެހެނީ، އޭނާއަކީ ވިޔާނުދާ (ގޯސް) އަޚްލާޤެއްގެ ވެރިއެއްކަމުގައިވާނަމަ، އޭނާގެ ޢަދާވާތްތރިކަމުން (ތިބާއަށް) އަމާންކަމެއް ނޯންނާނެއެވެ.

  • ފަސްވަނައީ: (އޭނާއަކި) ތިބާ، އޭނާގެ ގާތުގައިވާ ޙާލުގަޔާއި، އަދި ތިބާ ނެތް ޙާލަތުގައިވެސް، (ތިބާއަށް) ހިތް ސާފު މީހެއްކަމުގައި ވުމެވެ. އަދި، (ތިބާއާމެދު) ރުޅިވެރިކަމެއް ނުވަތަ ހަސަދަވެރިކަމެއް ނެތް، އަދި (ތިބާއަށް) ދެރަ ނުބައިކަމެއް ލިބުމަށް ނުއެދޭ މީހެއް ކަމުގައިވުމެވެ. އަދި (އޭނާއަކީ) ދެ މޫނުގެ ވެރިއެއް ކަމުގައި ނުވުމެވެ.

  • ހަވަނައީ: (އޭނާއަކީ) ޢަހުދުގައި ޘާބިތުވާ، (ކަމެއް ނުވުމުން އެކަމުން) ފޫހިނުވާ، (އަވަސްއަވަހަށް ބަދަލުނުވާ) ކުލަބަދަލުނުކުރާ މިހެއްކަމުގައިވުމެވެ.

  • ހަތްވަނައީ: (އޭނާއަކީ)  އޭނާގެ ހައްގުތައް އަދާކުރާ ފަދައިން ތިބާގެ ހައްގުތައް އަދާކުރާ މިހެއްކަމުގައިވުމެވެ. އެހެނީ، އޭނާއަށް ލިބިގެންވާ ފަދަ ޙައްޤުތަކެއް ތިބާއަށްވެސް ލިބިގެންވާކަމަށް ނުދެކޭ މީހަކާއެކު އޮންނަ އެކުވެރިކަމުގައި އެއްވެސް ހެވެއްނެތެވެ."

މަޞްދަރު: القوانين الفقهية (ޞަފްޙާ 328-329)