ޢަރަފާތް ދުވަހު ރޯދަ ހިފުން

ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ސުންނަތުން ޘާބިތުވެގެންވާ މަތިވެރި ދަރުމަ ލިބިގެންވާ އަޅުކަމެކެވެ. އިމާމް މުސްލިމް އެބޭފުޅާގެ ޞަޙީޙުގައި (1162) ނެރުއްވާފައިވާ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ޢަރަފާތު ދުވަހު ރޯދަހިފުމަކީ، އިސްވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ (ކުދި) ފާފަތައް ފުއްސަވައިދެއްވުމުގެ ސަބަބެއްކަމުގައި ވެގެން ދިޔުމަށް ތިމަންނަބިއްޔާ، ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކުރައްވަމެވެ.” ޢަރަފާތް ދުވަހަކީ ﷲ ތަޢާލާ އަހަރެމެންގެ މި ދީން ފުރިހަމަކުރައްވާ އެކަލާނގެ ޙަޟްރަތުގައި ރުހިވެޑިގެންވާ ދީނަކީ އިސްލާމްދީން ކަމުގައި ބަޔާންކުރެއްވި ދުވަހެވެ. އަދި އެ ދުވަހަކީ، ﷲ ތަޢާލާ އެންމެ ގިނައިން ނަރަކައިން މީސްތަކުން މުއްތި ކުރައްވާ ދުވަސްކަމުގައި ޙަދީޘްތަކުގައި ވާރިދުވެގެންވާ، މާތް މަތިވެރި ދުވަހެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާވަންތަވެރިކަމުން، އަޅުތަކުންނަށް ހެޔޮކަމުގެ ފުރުޞަތުތަށް ވަނީ ހުޅުއްވާލައްވާފައެވެ. އެގޮތުން، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާއަށްވެސް މި ދުވަހުގެ މަތިވެރިކަން ޙާޞިލު ކުރެވޭނޭ މަގު އެކަލާނގެ އެވަނީ ފަހިކޮށްދެއްވާފައެވެ. އެކަލާންގެ ދީލަތިވަންތަ ކަމަށް ފުރަގަސްދޭ ބައެއްކަމުގައި އަހަރެމެން ވެގެން ނުވާނެއެވެ.

މި ފަހަރުގެ ޢަރަފާތް ދުވަސް ހޮނިހިރު ދުވަހަކާ ދިމާވުމުން، ހޮނިހިރު ދުވަހުގައި ރޯދަ ހިފިދާނެތޯ ސުވާލު އުފެދިދާނެއެވެ. މި ކަމުގައި އެންމެ ޢަދުލުވެރި ބުނުމެއް ކަމުގައި ބެލެވެނީ، އަދި ބޮޑެތި ގިނަ ޢިލްމުވެރިންވެސް ވިދާޅުވާ ގޮތަކީ، އަރަފާތް ދުވަހުގެ ރޯދަ، ހޮނިހިރު ދުވަހަކާ ދިމާވުމުން، އެ ދުވަހު ރޯދަ ހިފުމުގައި އެއްވެސް ކަރާހާތްތެރިކަމެއް ނުވާކަމެވެ. އެހެނީ ޢަރަފާތް ދުވަހުގެ ރޯދައަކީ ދީނުގައި ޝަރުޢުވެގެން އައިސްފައިވާ ރޯދައެއް ކަމުގައި ވުމުން، އެދުވަހު ރޯދަ ހިފާ މީހާ އެ ރޯދަ ހިފާނީ، ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ޤަސްދުގައި ކަމުގައި ވާތީއެވެ. އެއްވެސް ޙާލެއްގައި އޭނާ ރޯދަ އެ ހިފަނީ ހޮނިހިރު ދުވަހު ރޯދަ ހިފުމުގެ ޤަސްދުގައި ކަމުގައި ނުވާތީއެވެ. މިފަދައިން ޝޭޚް އިބްނު ޢުޘައިމީން رحمه الله ވަނީ މި މައްސަލަ ތަފްޞީލު ކުރައްވާފައެވެ.