ޢަރަފާތްދުވަހުގެ މަތިވެރިކަން
ޢަރަފާތް ދުވަހުގެ މާތްކަން މިއީ ޝޭޚް ޢަބްދުއްރައްޒާޤް އިބްނު ޢަބްދުލް މުޙްސިން އަލް ބަދްރު -حفظه الله- މިނާގައި ހުންނަ މަސްޖިދުލް ޚައިފް ގައި ދެއްވާފައިވާ ދަރުހެއްގެ ޚުލާޞާއެކެވެ. ޢަރަފާތްދުވަހުގެ މަތިވެރިކަން ކޮންމެ މުސްލިމަކުވެސް ދެނެގަންނަން ޖެހެއެވެ. އަދި ޚާއްޞަކޮށް ޢަރަފާތުގައި އެދުވަހު ހުންނަމީހާއަށް މި ދުވަހުގެ މާތްކަން އެނގިފައި އޮތުން ވަރަށް މުހިންމެވެ. ޢަރަފާތް ދުވަހުގެ މަތިވެރިކަމާއި ޘަވާބަކީ ހަމައެކަނި ޢަރަފާތުގައި އެ ދުވަހު ހުންނަ މީހާއަށް އެކަނި ޚާއްޞަ ކުރެވިފައިވާ ކަމެއް ނޫނެވެ. އެހެނީ އެދުވަހު ޢަރަފާތުގައި ހުރުމުގެ ތައުފީޤު ނުލިބުނު މީހާއަށް އެ ދުވަހުގައި ރޯދަހިފުމަކީ ސުންނަތް ވެގެންވާ އަޅުކަމެއް ކަމުގައި ﷲ ތަޢާލާ ވަނީ ލައްވާފައެވެ. އެއީ ޙަދީޘްފުޅުގައި ވާ ފަދައިންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ޢަރަފާތު ދުވަހު ރޯދަހިފުމަކީ، އިސްވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ (ކުދި) ފާފަތައް ފުއްސަވައިދެއްވުމުގެ ސަބަބެއްކަމުގައި ވެގެން ދިޔުމަށް ތިމަންނަބިއްޔާ، ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކުރައްވަމެވެ.” އަދި އަރަފާތް ދުވަހުގެ ރޯދައަކީ މުޅި އަހަރު ތެރޭގައި ހިފޭ އެންމެ ސުންނަތްކަން ގަދަވެގެންވާ ރޯދައެވެ. އެހެންނަމަވެސް، އެދުވަހު ޢަރަފާތުގައި ހުންނަ މީހާއަށް އެދުވަހު ރޯދަ ހިފުމަކީ ސުންނަތްވެގެންވާ ކަމެއް ނޫނެވެ. އެހެނީ، ޙައްޖުވެރިޔާ އެ ދުވަހު ރޯދަ ހިފުމަކީ، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވާ ކަމެއް ކަމުގައި ނުވާތީއެވެ. މިކަން އެނގިގެން ދަނީ، ޙައްޖަތުލް ވަދާޢުގައި ނަބިއްޔާ صلى الله عليه وسلم ހުންނެވީ ރޯދައަށްތޯ ނުވަތަ ނޫންތޯ ޞަހާބީ ބޭކަލުންގެ މެދުގައި ސުވާލު އުފެދުމުން، އަންހެން ޞަޙާބީއްޔާ އެއް ކަމުގައިވާ އުންމުލް ފަޟްލު رضي الله عنها އެކަން ޔަޤީން ކުރެއްވުމަށްޓަކައި، ނަބިއްޔާ صلى الله عليه وسلم އަށް ކަންވާރެއްގައި ކިރުފޮދު އެރުވުމުންނެވެ. އެހިނދު އެކަލޭގެފާނު އެ ކިރުފޮދު ހިތްޕެވިއެވެ. އެހިނދު މީސްތަކުންނަށް އެ ދުވަހު ނަބިއްޔާ صلى الله عليه وسلم ހުންނެވީ ރޯދައަށް ނޫންކަން ޔަޤީންވެ ވަޑައިގަތެވެ. ޢަރަފާތް ދުވަހުގެ މަތިވެރިކަން ބަޔާންވެގެންވާ ބައެއް ޙަދީޘްފުޅުތައް ޢަރަފާތް ދުވަހުގެ މަތިވެރިކަން ބަޔާންވެގެންވާ ޙަދީޘްބަސްފުޅުތަކުގެ ތެރޭގައި: ...