ނޯޓު: މިލިޔުމަކީ، އައްޝޭޚް ޞާލިޙް ސިންދީ حفظه الله ލިޔުއްވާފައިވާ ފޮތް، “المراقي الوعي” އާއި، އެބޭފުޅާގެ ބައެއް ދަރުސްތަކުން އަޅުގަނޑަށް ޙާޞިލުވެފައިވާ ބައެއް ފައިދާތަކުގެ މައްޗަށް ބިނާކޮށް، އެއީ އަޞްލެއްކަމުގައި ބަލައިގެން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ޤަޟާ ޤަދަރަކީ ކޮބާ؟

ޤަޟާ ޤަދަރަކީ؛ އެންމެ އިހުއްސުރެ ﷲ ތަޢާލާ ކޮންމެކަމެއްވެސް މިންވަރު ކުރެއްވުމާއި، އަދި އެކަމެއް ވާނެގޮތާއި ވަޤުތާއި ޞިފަ އެކަލާނގެ ޢިލްމުފުޅުގައި އަޒަލުއްސުރެ ދެނެވޮޑިގެންވުމާއި، އަދި އެއަށްފަހު އެކަލާނގެ އެންމެހައި ކަމެއް ލިޔުއްވާފައިވުމާއި، އަދި އެކަމެއްގެ ވަޤުތު ޖެހުމުން އެކަމަކަށް އިރާދަފުޅުކުރެއްވުމާއި، އަދި އެކަން އެކަލާންގެ އިރާދަފުޅުކުރެއްވި ގޮތަކަށް އެކަމެއް ވުމާއި އެކަމެއް ޚަލްޤުކުރެއްވުމެވެ. އެއީ ހެޔޮ މިންވަރާއި ނުބައި މިންވަރެވެ. އެއީ އަހަރެމެން ކޮންމެ މުސްލިމަކުވެސް އީމާންވާންޖެހޭ ހަ ރުކުނުގެ ތެރެއިން އެއް ރުކުނެވެ. އެރުކުނަށް ފުރިހަމައަށް ބޯލަނބައި އީމާން ނުވެއްޖެ ކަމުގައިވާނަމަ މީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. ޤަޟާ ޤަދަރުގެ ހަތަރު ދަރަޖައެއް އެކުލެވިގެންވެއެވެ. އެއީ؛

  1. العلم (ދެނެވޮޑިގެންވުން)

    މި ދުނިޔޭގައި ހިނގައިދާ ކޮންމެކަމަކީ އަޒަލުއްސުރެ، ﷲ ތަޢާލާގެ ދެނެވޮޑިގެންފައިވާ ކަމެކެވެ. އެކަމުގެ އެންމެހައި ތަފްޞީލުތަކެއް އެކަލާންގެ ވަނީ އަޒަލުއްސުރެ ދެނެވޮޑިގެންނެވެ. އެހެނީ އެކަލާންްގެ ޢިލްމުފުޅަކީ، ފެށުމެއް އަދި ނިމުމެއްވެސް ނުވާ ޢިލްމުފުޅެކެވެ. އެއީ އެކަލާންގެއަށް ލިބިވޮޑިގެންވާ ފުރިހަމަ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅެއްވެސްމެއެވެ.

  2. الكتابة (ލިޔުއްވުން)

    ކޮންމެކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވުމަށްފަހު، ދުނިޔެ ހެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރިން، އެކަލާނގެ ވަނީ، ލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައެވެ. އެފޮތުގައި ނުލިޔުއްވާ އެއްވެސް ކަމެއް އެކަލާނގެ ދޫނުކުރައްވައެވެ.

  3. الإرادة (އިރާދަފުޅުކުރެއްވުން)

    މިދުނިޔޭގައި ހިނގައި ކޮންމެ ކަމެއްވެސް ހިގައިގެންދަނީ، އިސްވެ އެކަލާނގެ ޢިލްމުފުޅުގައި ދެނެވޮޑިގެންވުމަށްފަހު، އަދި އެކަމެއް ލައުޙުލް މަޙްފޫޡުގައު ލިޔުއްވެވުމަށްފަހު، އެކަމެއްގެ ވަޤުތު ޖެހުމުން އެކަލާނގެ އެކަމެއް ވުމަށް އިރާދަފުޅުކުރެއްވުމުންނެވެ.

  4. الخلق (ޚަލްޤުކުރެއްވުން)

    މި ދުނިޔޭގައި ހިނގާ ކޮންމެކަމެއްވެސް، އެކަލާނގެ އަޒަލުއްސުރެ ދެނެވޮޑިގެން، އެއަށްފަހު އެކަން ލައުޙުލްމަޙްފޫޡުގައި ލިޔުއްވާ، އަކަމުގެ ވަޤުތު ޖެހުމުން އެކަމަށް އިރާދަފުޅުކުރެއްވުމަށްފަހު، އެކަލާނގެ ރަސްކަމުގައި، އެކަމެއް ހިނގައިގެން ދާނީ އެކަން އެކަލާނގެ ޚަލްޤުކުރެއްވުމުންނެވެ. އެހެނީ އެކަލާނގެ ފިޔަވައި ކޮންމެ އެއްޗަކީ އެކަލާނގެ ހައްދަވާފައިވާ ތަކެތި ކަމުގައި ވުމުންނެވެ.

ޤަޟާ ޤަދަރުގެ ބާބުގެ ބައެއް މުޤައްދިމާތައް

މިފަދަ ބޮޑު އަދި އެހާމެ މުހިންމު ބާބަކަށް ޤަޟާޤަދަރުގެ މި ބާބު ވުމުން، މި ބާބުގެ ޞަފްޙާތަކުގެ ތެރެއަށް ބަލާލުމުގެ ކުރިން، އަހަރެމެންނަށް އެނގުން ވަރަށް މުހިންމު މުޤައްދިމާތަކެއް ވެއެވެ. އޭގެ ސަބަބުން މި ބާބު ދެނެގަންނަން ފަސޭހަވެ، އޭގެ ފައިދާ ޙާޞިލުކުރުމަށް ލުއިފަސޭހަ ވެގެންދާނެއެވެ. إن شاء الله

  1. ފުރަތަމައީ: އެކަލާނގެ މިންވަރު ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި އެނގިގެންވާ މިންވަރަކާއި، އެކަލާންގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނޭނގޭ ސިއްރު ކުރެވިފައިވާ މިންވަރެއްވެއެވެ.

    އެކަލާނގެ މިނވަރު ކުރެއްވި ކަންކަމުގެ ތެރެއިން އެކަލާނގެ އަޅުތަކުންނަށް، ވަޙީގެ ޒަރީޢާއިން އަންގަވާފައިވާ ބައެއް ކަންކަން ވެއެވެ. އަދި އެކަލާނގެ އަޅުތަކުންނަށް އަންގަވާފައިނުވާ ކަންކަންވެސެ ވެއެވެ. އެހެންކަމުން އަޅުތަކުންނަށްވަނީ، އެންގެވި މިންވަރުގައި ހުއްޓި ހުރުމެވެ. އަދި ސިއްރު ކުރެވިފައިވާ މިންވަރާމެދު ވިސްނާ ފިކުރު ނުކުރުމެވެ. އެހެނީ، އެއީ އެކަލާނގެ ސިއްރުފުޅެވެ.

    ސަލަފުންގެ ކިބައިން ވާރިދުވެފައިވެއެވެ. “ޤަދަރަކީ ﷲ ތަޢާލާގެ ސިއްރުފުޅެވެ. އެ ފަރުދާ އަހަރެމެން ކަހާނުލާނަމެވެ.”

    އާއެކެވެ! އެއީ އެކަލާނގެ ސިއްރު ފުޅެވެ. އޭގެ ފަރުދާ ކަހައި، އޭގެ ތެރެއަށް އަހަރެމެންގެ ފިކުރުތައް ގެންގޮސްގެންނުވާނެއެވެ. އެހެނީ އެކަލާނގެ ސިއްރު ކުރައްވާފައިވާ އެއްވެސްކަމެއް ހޯދުމަކީ މުސްތަޙީލު ކަމެކެވެ.

    ނަބިއްޔާ صلى الله عليه وسلم އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ތިބާގެ އަރިހުގައި ޤަދަރުގެ ވާހަކަ ދެއްކިއްޖެ ކަމުގައިވާނަމަ، އެއާމެދު ވާހަކަދެއްކުން ހުއްޓާލާށެވެ.” 1

  2. ދެވަނައީ: ﷲ ތަޢާލާއީ، އެންމެ ޢަދުލުވެރި ފަރާތެވެ. އެކަލާނގެ އަނިޔާވެރިވެވަޑައި ނުގަންނަވާނެއެވެ.

    އެކަލާނގެއީ އަނިޔާވެރިކަމުގެ ޞިފައިން ހުސްޠާހިރުވެގެންވާ، އެކަލާނގެ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިވުން ޙަރާމްކުރައްވާފައިވާ އިލާހެވެ. އޭ އަޚާއެވެ! އޭ އުޚްތާއެވެ! މިކަން ހިތުތެރޭގައި ރަނގަޅަށް ބިންވަޅުނަގާށެވެ.

    މިކަން އެނގިގެންދާ ކަމަކަށް ބަލާލަމާ ތޯއެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވަވާ އެބައިމީހުން އުޅެންވީގޮތް ބަޔާން ނުކުރައްވާ އެބައިމީހުން އެންމެންނަކީ ނަރަކަވަންތަވެރީން ކަމުގައި ލެއްވުމަށް އިރާދަކުރެއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނަސް، މީސްތަކުންނަށް ހެޔޮގޮތް ބަޔާންކުރެއްވުމަށް ފޮތްތަށް ބާވާލައްވާ، ރަސޫލުބޭކަލުން ފޮނުއްވަވާ، އެބައިމީހުންނަށް ފުރިހަމަ އިޚްތިޔާރު ދެއްވުމަށްފަހު މި ދުނިޔެއަށް ފޮނުއްވުމުން، އެނގި ހާމަވަނީ އެކަލާނގެ ފުރިހަމަ ޢަދުލުވެރިކަމެވެ.

    ދަންނާށެވެ!!! އެކަލާނގެއީ އަނިޔާވެރިވުމެއް ނުވާ، އެންމެ ޢަދުުލުވެރި ފަރާތްކަމުގައި، ތިބާގެ ހިތުގައި ފަރުބަދައެއް ފަދައިން ޘާބިތުވެފައިވާ ކަމެއްގެ ގޮތުގައި ހަދާށެވެ! މި ބާބުގައި ވާވަދެގެން ނުދާނެކަން ހަމަ ގައިމެވެ.

  3. ތިންވަނައީ: އެންމެ ފުރިހަމަވެގެންވާ ޙިކުމަތް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ.

    ޙިކުމަތްވަންތަކަމަކީ ﷲ ތަޢާލާއަށް ލާއިޤުވެގެންވާ ގޮތުގައި އެކަލާނގެއަށް ޘާބިތުވެގެންވާ ފުރިހަމަ ޞިފަފުޅެކެވެ. އެހެނީ، އަޅުތަކުންނަށްވެސް ޙިކުމަތް ލިބިގެންވެއެވެ. އެހެނެއްކަމަކު އެއީ އެބައިމީހުންނާ ލާއިޤުވެގެންވާ ގޮތަށެވެ. ﷲ ތަޢާލާއަށްވެސް ޙިކުމަތްތެރިކަމުގެ ޞިފަ ލިބިވޮޑިގެންވެއެވެ. އެކަލާނގެ ހިކްމަތްތެރިކަން އަޅުތަކުންގެ ހިކުމަތާއި އަޅާކިޔާ ނުލެވޭނެއެވެ. އެހެނީ އެކަލާނގެ އަށް އެ ޞިފަފުޅު ލިބިވޮޑިގެންވަނީ އޭގެ އެންމެ ފުރިހަމަވެގެންވާ ގޮތުގައެވެ. އެއްވެސް އުނިކަމެއް ނުވާގޮތުގައެވެ.

    އެކަލާނގެއީ އެެންމެމޮޅަށް ކަންކަން ފުރިހަމައަށް ނިންމަވާ އެންމެ ޙިކުމަތްވަންތަ އިލާހެވެ. އަދި އެކަލާނގެއީ އެންމެމޮޅަށް ކަންކަން ދެނެވޮޑިގެންވާ އެންމެ ރަޙުމާނުވަންތަ އިލާހެވެ. އެކަލާނގެ ކުރައްވާ ކޮންމެ ކަމަކީ، އެންމެ ފުރިހަމަ ޙިކުމަތާއެކު ކުރައްވާ، ޙަމްދުލިބިވޮޑިގެންވާ ނިމުމެއް އެއިން ކޮންމެ ކަމެއްގައިވާ ކަންކަމެވެ.

    ބައެއް ޙާލަތްތަކުގައި އެކަލާނގެ ޙިކުމަތްފުޅު އަޅުތަކުންނަށް ފާޅުވެދާނެއެވެ. އަދި ބައެއްފަހަރު އެ ޙިކުމަތްފުޅު ވަންހަނާވެސްވެދާނެއެވެ. ފަހަރުގައި އެއްބަޔަކަށް އެނގިފައި އަނެއްބަޔަކަށް ނޭނގިވެސް އޮވެދާނެއެވެ. އަދި އެންމެހައި ޚަލްޤުތަކުންނަށް ވަންހަނާ ވެފައިވެސް އޮވެދާނެއެވެ.

    އެކަމަކު ޔަޤީންކުރަން އެނގޭ ކަމަކީ، އެކަލާނގެ އެންމެހައި ޙިކުމަތްފުޅުތަކެއް އެކުއެކީގައި، އެއްވެސް މަޚްލޫޤަކަށް ދެނެގަތުމަކީ މުސްތަޙީލުކަމެއް ކަމެވެ.

    މި ކަމަށް އިޤްރާރުނުވާ ކޮންމެ މީހަކަށް އެކަލާނގެއާ މަޚްލޫޤުންނާ އެއްފަދަ ކުރުންލާޒިމުކުރެއެވެ. ނަމަވެސް، އެއީ ނުވާނެ ކަމަކެކެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.

    ހަނދާނުގައި ބަހައްޓާށެވެ! ދެ ބާބެއްގައި ކުރުން މަނާ ދެ ސުވާލެއް ވެއެވެ. އެއީ ޣައިބުގެ ބާބުގައި “ކިހިނެތް؟” މި ސުވާލާއި، ޤަދަރުގެ ބާބުގައި “ކީއްވެ؟” މި ދެ ސުވާލެވެ.

    ޙިކުމަތުގެ ބާބުގައި ޞައްޙަ މަގުގައި ހުރުމަށް ހިފަހައްޓަންޖެހޭ މުހިންމު ޤަވާޤިދު ތަކެއް ވެއެވެ.

    • ޙިކުމަތްތަކާމެދުގައި ޖުމްލަކޮށް އެގުމުން ފުދޭނެއެވެ. އޭގެ އެންމެ ފުނަށް ދިޔުން މުހިންމެއްނޫނެވެ.

      އެއީ އަހަރެމެންނަށްވުރެ މާ މާތް މަތިވެރި މަޚްލޫޤުންވެސް އެފަދައިން ޖުމްލަކޮށް މިބާބުގައި ފުއްދާލާފައިވާތީއެވެ. އެކަން އެނގިގެން ދަނީ، ﷲ ތަޢާލާ މި ދުނިޔޭގައި އިންސާނުން ޚަލްޤުކުރައްވާ ޚަބަރު މަލާއިކަތްބޭކަލުންނަށް ދެންނެވުމުން، އެބޭކަލުން ވިދާޅުވި ބަސްފުޅުންނެވެ. އެބޭކަލުން ދެނެނެވިއެވެ. ތިމަންމެން އިބަ ﷲ އަށް ޙަމްދުކޮށް ތަޞްބީޙަ ދަނަވާ ޙާލުގައި، މި ދުނިޔޭގައި ފަސާދަކޮށް ލޭއޮހޮރުވާލާނޭ ބަޔަކު އެކަލާންގެ ދުނިޔޭގައި ލައްވަނީހެއްޔެވެ؟. ﷲ ތަޢާލާ އެބޭކަލުންނަށް ދެއްވި ކުރު އަދި އެހާމެ ފުރިހަމަ ޖަވާބުން އެބޭކަލުން ފުއްދަވާލެއްވި އެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. (قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ) ( އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.)

      (وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ) (އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.) މި ވަޙީ ބަސްފުޅުގައި ވަރުގަދައަށް ހިފަހައްޓާށެވެ! ހިތްހަމަޖެހުމުގައި ދިރި އުޅެވޭނީ އޭރުންނެވެ.

    • ޢިލްމުގެ ގޮތުން އުނި ފަރާތަކަށް، ޢިލްމުގެ ގޮތުން ފުރިހަމަ ފަރާތަކާ ދެކޮޅެއް ނުހެދޭނެއެވެ.

      އާއެކެވެ! ލޯމައްޗަށް ފެންނަންހުރި އެތައް ބުރުހާނުތަކުން، އެކަލާނގެ ފުރިހަމަވެގެންވީ ޙިކުމަތްފުޅުތަކަށް ދަލީލު ލިބި، އެކަން ޔަޤީންކަމާއެކު ޘާބިތުވާ ޙާލު، އެކަލާނގެ ޙިކުމަތްފުޅުތަކުގެ ތަފްޞީލުތަށް އަމިއްލައަށް ދެނެނުގަނެވޭ، ޢިލްމުގެ ގޮތުން އުނި ފަރާތަކަށް އެކަންކަމާ އިދިކޮޅެއް ނުހެދޭނެއެވެ. އަދި ކިއެއް ހެއްޔެވެ! އިދިކޮޅުހެދޭ ކޮންމެ ފަހަރަކު ޙާލުގެ ދުލުން އެ އިޢުތިރާފު ވެވެނީ އޭނާގެ ޢިލްމާއި ބުއްދީގެ އުނިކަމަށެވެ.

    • ﷲ ތަޢާލާއީ، އަނިޔާވެރިވެވަޑައި ނުގަނަވާ، އެންމެ ޢަދުލުވެރި އިލާހެވެ.

      އިސްވެ ބަޔާންވެގެން ދިޔަ ފަދައިން އެކަލާނގެ ޢަދުލުވެރިކަން އަހަރެމެން ބަލާލި ކޮންމެ ތަނަކުން ފެންނާނެއެވެ. އެހެން ކަމުން، ޔަޤީންކުރާށެވެ! ތިބާގެ ވެރި ރައްބަކީ އެންމެ ޢަދުލުވެރި އިލާހެވެ. އަދި މި ޔަޤީންކަމުން ހިތްހަމަޖެހުން ހޯދާށެވެ!

    • އެކަލާނގެ ޙިކުމަތްފުޅާމެދު ސުވާލެއް އުފެދިއްޖެނަމަ، އެކަމަށް ތުހުމަތުކުރުމުގެ ބަދަލުގައި، ތިބާގެ ހިތަށް އެ ތުހުމަތު ރައްދުކުރާށެވެ.

      އެހެނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަހަރެމެންނަށް އެނގޭ ކަމަކީ، އެކަލާނގެ އެއްވެސް ކަމެއް އެއްވެސް ޙިކުމަތަކާ ނުލާ ނުކުރައްވާނޭކަމެވެ. އަދި އެކަލާނގެ ކުރައްވާ ކަންކަމުގައި އެންމެ ފުރިހަމަ ވެގެންވީ ޙިކުމަތްފުޅުތަށް ހިމެނިގެންވާކަމެވެ. ކަން މިހެން އޮތް އިރު، އެކަމާމެދު ސުވާލު އުފެދެނީ އަހަރެމެންގެ ޢިލްމުގެ އުނި ކަމުގެ ސަބަބުންނެވެ.

    • ބުއްދީގައިވާ އުނިކަމެއްގެ ސަބަބުން ދެނެނުގަނެވޭ ކަންކަމާއި، ވުން މުސްތަޙީލުކަމެއްކަން ބުއްދިން ދެނެގަނެވޭ ކަންކަން ތަފާތު ކުރާށެވެ.

      ހަމައެއާއެކު، އެކަމެއް ޘާބިތުވާކަން ބުއްދިން ދެނެނުގަނެވޭ ކަންކަމާއި، އެކަމެއްގެ މުސްތަޙީލުކަން ބުއްދިން ދެނެގަނެވޭ ކަންކަން ތަފާތުކުރާށެވެ.

      ކުރުގޮތަކަށް ބުނަނީނަމަ، ބުއްދިން ދެނެނުގަނެވޭ ކޮންމެ ކަމަކީ އެއީ ނުވާ ކަމެއް ކަމުގައި ނުބުނާށެވެ.

      އޭގެ ކުޑަ މިޘާލަކަށް ބަލާލަމާ ތޯއެވެ. މީހަކު ތިބާގެ ގާތުގައި ބިމުގައި ވާ ހުރިހައި ވެލިފުށެއްގެ ޢަދަދު ބުނާށޭ ބުނެފިނަމަ ތިބާގެ ޖަވާބަކަށްވާނީ ކީކޭތޯއެވެ؟ ޔަޤީނުންވެސް ބުނާނީ ނޭނގޭ ކަމަށެވެ. ސަބަބަކީ ކޮބައިތޯ އަހަހައިފިނަމަ ބުނާނީ ކީކޭތޯއެވެ؟ ޔަޤީނުންވެސް ބުނާނީ އެކަން ކުރުމަށް ކުޅަދާނަވެގެން ނުވާތީ އޭގެ ޢަދަދު ނޭނގޭ ކަމަށެވެ. އެހެނެއްކަމަކު، މި ސުވާލުގެ ޖަވާބުގައި، އެއީ ވެއްޔަކީ ނެތް އެއްޗެއް ކަމުގައި ބުނުމުން، ނުވަތަ ވެލި ގުނުމަކީ ދުހުވަހަކުވެސް ނުވާނޭ މުސްތަޙީލު ކަމެއް ކަމުގައި މީހަކު ބުނެފިނަމަ، އެ ޖަވާބުގެ ދޮގުކަމާ ދެކޮޅު ހަމަނުޖެހޭ ކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ސަބަބަކީ ވެއްޔަކީ ހުރި އެއްޗަކަށް ވެފައި އެއީ އެ ގުނުމުގެ ޤާބިލުކަން މީހަށް ލިބިއްޖެ ނަމަ ގުނޭނޭވެސް އެއްޗެއް ކަމުގައި ވާތީއެވެ. އެހެނަސް، ޤާބިލުކަމާ ހުނަރާ ޢިލްމުގެ ގޮތުން އެފަދަ ކަމެއްކުރުމުގެ ކުޅަދާނަކަން ނެތުމުން ނޭންގޭ ކަމަށް ބުނީއެވެ. ހަމަ އެފަދައިން އެކަލާނގެ ކުރައްވާ ކަންކަމުގެ ޙިކުމަތް ނޭނގޭ ބުނުމަކީ، ނުވަތަ ނޭނގުމަކީ، ޙިކުމަތެއް ނުވާ ކަމެއް ކަމުގައި ނުބުނެވޭނެއެވެ.

    • ދިމާވާ ކަންކަމާމެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ބަދަލުގައި، އެކަންކަމުން ފައިދާއެއް ޙާޞިލުވަނިވި ފައްސި ވިސްނުމަކުން އެކަންކަމާމެދު ވިސްނާށެވެ.

      އެކަލާނގެ ކުރައްވަވާ ކަންކަމުގައި އެކުލެވިގެންވާ ޙިކުމަތްތަށް، އެކަލާނގެ އިރާދަކުރެއްވި މީހަކަށް މެނުވީ ނުދެއްވާނެއެވެ. އެކަލާނގެ ލައްވާފައިވާ ޢަލާމާތްތަކާމެދު، އީމާންކަމާއެކު އެކަމުން ފައިދާ ލިބިގަތުމުގެ ނަޒަރަކުން ވިސްނާމީހަކަށް މެނުވީ އެކަލާނގެ އެކަންކަމުގެ ޙިކުމަތްތައް ހުޅުއްވައި ނުދެއްވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ( إِنَّ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ لَا يَهْدِيهِمُ اللَّهُ) (ހަމަކަށަވަރުން، اللَّه ގެ آية ތަކަށް، إيمان ނުވާ މީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ތެދުމަގެއް ނުދައްކަވާނެތެވެ.)

    • އެންމެހައި ތަކެއްޗެއްގެ ވެރި ރައްބުގެ ފުރިހަމަކަމާ، އަޅުތަކުންގެ އުނިކަން އަބަދުވެސް ހަނދުމަކުރާށެވެ!

      އެކަމުގެ ދަލީލަކީ އެކަލާނގެ މި ވަޙީ ބަސްފުޅެވެ. ( بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ) (އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.) ވިސްނާލަމާ ހެއްޔެވެ! ތިބާގެ ވަށައިގެންވާ އިންސާނުންނާމެދު ވިސްނާލާށެވެ. އެބައިމީހުންގެ މެދުގައި ބުއްދީގެ ބޮޑު ތަފާތެއްވާތަން ތިބާއަށް ފެންނާނެއެވެ. ވިސްނުމުގައި ތޫނުފިލި މީހުންނާ އެއަށްވުރެ ތޫނުފިލިކަމުގެ މިންވަރު ދަށް މީހުން ފެންނާނެއެވެ. މިއީ ދެ މަޚްލޫޤެއްގެ ދެމެދުގައި ހުރި ބޮޑު ފަރަޤެވެ. ދެންފަހެ، މަޚްލޫޤަކާއި، އެ މަޚްލޫޤު ހެއްދެއި ޚާލިޤުވަންތަ އިލާހާ ދެމެދު ކިހާބޮޑު ފަރަޤެއް ވާނެތޯއެވެ؟!

    • ތިބާއަށް އެނގިފައި ނުވާ ކަންކަމަށް މަގުދައްކާދޭ ޢަލާމާތެއްގެ ގޮތުގައި، ތިބާއަށް އެނގިފައިވާ ކަންކަން ހަދާށެވެ.

      ދަންނާށެވެ! ﷲ ތަޢާލާ ހެއްދެވި ކޮންމެ އެއްޗެއްގައާ، އެކަލާނގެ ޝަރުޢު ކުރެއްވި ކޮންމެ ކަމެއްގައި ފުރިހަމަވެގެންވާ ޙިކުމަތްތަށް އެކުލެވިގެންވެއެވެ. އެކަން ގާތްކޮށްލަ ދިނުމަށް މި ނަޒަރުން ވިސްނާލާށެވެ. ޙިކުމަތްތެރި ޢަދުލުވެރި ވެރިޔަކު ވެރިކަމަށް އިސްކޮށް، އޭނާއަކީ އޭނާގެ ރައްޔުތުންނާމެދު އޯގާތެރި ވެރިޔެއްކަމުގައި އެންމެންގެ މެދުގައި އެނގިގެންވާ ޙާލު، ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ ކަމެއްގައި ވަކިގޮތަކަށް ކަމެއް ނިންމުމުން އެ ނިންމާ ކޮންމެ ކަމެއްގެ ޙިކުމަތަކީ އަދި ފައިދާއަކީ ކޮބާތޯ ރައްޔިތުން ނުބެލި ކަމުގައިވިޔަސް، އޭނާ އިސްވެ ގޮސްފައިވާ ޢަދުލުވެރި ނިންމުންތަކުން އެކަމުގެ ހެއްކެއްގެ ގޮތުގައި ފުދެއެވެ.

      ފަހެ ﷲ ތަޢާލާ ހެއްދެވި މަޚްލޫޤަކާއި މެދު މިފަދައިން ކަން ހިނގާނަމަ، އަހަރެމެންގެ ވަށައިގެން މިވާ ފުރިހަމަ ކާއިނާތާ، އެކާއިނާތު ޚަލްޤުކުރެއްވާފައިވާލެއް ފުރިހަމަކަމާ، ވަށައިގެން ހިނގަމުންދާ ކަންމުން އެއީ މަތިވެރިވެގެންވާ ޙިކުމަތްތަކެއް އޭގައި އެކުލެވިފައިވާ ކަންތައްތަކެއްކަން ލޮލަށް ފެނި ހާމަވާއިރު، އަހަރެމެންގެ ޙަޔާތުގައި ދިމާވާ ކަމެއްގައި އޭގެ ޙިކުމަތް އަހަރެމެންނަށް ނޭނގުނު ކަމުގައިވިޔަސް، ވަށައިގެން ފެންނަ އެކަލާނގެ ފުރިހަމަ ޙިކުމަތްފުޅަކީ، މިކަމުގައި ވެސް މަތިވެރިވެގެންވާ ޙިކުމަތެއް އެކުލެވިގެންވާ ކަމުގެ ޢަލާމާތެއްކަމަށް އަހަރެމެންނަށް ނުފުދޭންވީ ފަހެ ކީއްވެ ތޯއެވެ؟! އެކަލާނގެ ހެއްދެވި އުނި މަޚްލޫޤަކަށްވުރެ، އެންމެ ފުރިހަމަ އަދި އެންމެ މަތިވެރިވެގެންވީ އިލާހުގެ ފުރިހަމަކަން މާބޮޑުވެގެންވެއެވެ.

    • ކޮންމެ ކަމެއްގެ ޙިކުމަތް ތަފްޞީލުކޮށް އެނގުމަކީ، އިންސާނާއަށް ކުޅަދާނަކަމެއް ނޫނެވެ.

      މީހަކު ބުނެފާނެއެވެ. ﷲ ތަޢާލާ އެކަލާނގެ ހިންމަވައިދެއްވާ ކަންކަމުގެ ޙިކުމަތް އަޅުތަކުންނަށް ބަޔާންކޮށް ނުދެއްވަނީ ކީވެހެއްޔެވެ؟ އެފަދަ މީހެއްގެ ގާތުގައި ބުނަމެވެ. ބައްޕަ އަކު އޭނާގެ ދަރިފުޅަށް ކަމެއް މަނާ ކުރުމަށްފަހު އެ ބައްޕަ އެ ކަމުން ޙާޞިލުކުރަންބޭނުންވާ ފައިދާއެއް އެ ދަރިފުޅު ގާތުގައި ބުނޭހެއްޔެވެ؟ ފަހަރުގައި އެއީ އެ ކުއްޖާގެ ވިސްނުމަށް ގެންނަށް އުނދަގޫކަމަކަށްވެސް ވެދާނެއެވެ. އަދި އެ ޢުމުރުގައި ނުވިސްނޭ ކަމަކަށްވެސް ވެދާނެއެވެ. އެހެން ކަަމުގައިވާނަމަ، އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙިކްމަތްވަންތަ އިލާހު އެއިލާހުގެ އުނި މަޚްލޫޤުންނާއި މެދު އެ ކަން އޮންނާނީ ކޮން ފަދައަކުންތޯއެވެ؟! އެ އަޅާއަށް ކުޅަދާނަކަން ލިބިފައިވާ މިންވަރުން އެ ޙިކުމަތްތަށް އެނގުމުގެ ޤާބިލުކަން ހުންނާނެތޯއެވެ؟! އެއްވެސް ޝައްކެއްވެސް ނެތެވެ. އެކަމަކީ ވާނެކަމެއް ނޫނެވެ. އެހެނީ އެކަންކަން އަހަރެމެންނަށް ސިއްރު ކުރައްވާފައިވެސް އެ ވަނީ އެކަލާނގެ ފުރިހަމަ ރަޙްމަތުންނެވެ.

      ދަންނާށެވެ! ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ޙިކުމަތް ބަޔާންކުރުމަކީ ބައެއް ޙާލަތްތަކުގައި، ޙިކުމަތްތެރިކަމާ ފުށޫއަރާ ކަމަކަށްވެސް ވެދާނެއެވެ.

      އެޙާލަތުގައި އެކަން ބަޔާން ކުރުންވާނީ ބޭކާރު ކަމަކަށެވެ. އެކަލާނގެއީ އެންމެހައި އުނި ޞިފަތަކުން ހުސްޠާހިރުވަންތަ އިލާހެވެ.

    • މި ދުނިޔެއަކީ އިމްތިޙާނުގެ ގޮވެއްޗެކެވެ. ބައެއް ޙާލަތްތަކުގައި ޙިކުމަތް ވަންހަނާވެފައިވުމަކީވެސް އިމްތިޙާނެކެވެ.

      އެހެންކަމުން މި ފޮރުވިފައިވާ ފޮރުވުމަށް ހިތްނުރުހުމެއް ނުބާއްވާށެވެ. އެކަމަށް ކެތްތެރިވެ، ފުރިހަމައަށް އީމާންވާ މުއުމިނަކަށް ވާށެވެ.

    • ޤަދަރުގައި މިންވަރު ކުރައްވާފައިވާ ކަންކަމަށް ބޯލެނބުމުގެ ކުޅަދާނަކަން އަހަރެމެންގެ ބުއްދިތަކަށް ލިބިގެންވެއެވެ. ނަމަވެސް، އެ ކަންކަމަށް ދެކޮޅުހެދުމުގެ އެއްވެސް ކުޅަދާނަކަމެއް މި ބުއްދިތަކަށް ލިބިގެންނުވެއެވެ.

      އެހެނީ، އެކަންކަމަށް ދެކޮޅުހެދުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ، ހެއްދެވި ފަރާތުގެ ޢިލްމުފުޅާއި އެއްފަދަ ޢިލްމެއް އެ ދެކޮޅުހަދާ މީހަކަށް ލިބިގެންވުން ލާޒިމު ކުރެއެވެ. ފަހެ، މިހެން މިކަން ވާނީ ކިހިނަކުން ހެއްޔެވެ؟! އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.

    • ކޮންމެ ކަމެއްގެ ޙިކުމަތް އެންމެ ތަފްޞީލުކޮށް ހޯދާ ބެލުމަކީ، އެމީހާގެ ހަލާކަށް ހުރި މަގެކެވެ. އަދި ދަންނާށެވެ! އީމާންކަމާ، ކަންކަމުގެ ޙިކުމަތް އެނގިފައިވުމާ ގުޅުވުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.

      އިސްވެ ބަޔާންވެގެން ދިޔަ ފަދައިން ކޮންމެ ކަމެއްގެ ޙިކުމަތް ތަފްޞީލުކޮށް އެނގުމަކީ އަޅުތަކުންނަށް ކުޅަދާނަވެގެންވާނޭ ކަމެއް ނޫނެވެ. އެހެންކަމުން، އެމީހަކަށް ކުޅަދާނަވެގެން ނުވާ ކަމެއް އަމިއްލަ ނަފްސަށް ޖައްސައިފި މީހާ އޭނާގެ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލައިފިކަން ކަށަވަރެވެ. އޭނާގެ މިސާލަކީ، މެނދުރުގެ އަވިގަދަ ވަގުތު ހަމަ ލޮލުން ސީދާ އިރަށް ބަލަހައްޓައިގެން ހުރި މީހާގެ މިސާލެވެ. އޭގެން އޭނާގެ ދެލޯ ހަލާކުވުން ނޫން ކަމެއް ނުވާނެއެވެ.

    • އަޅާއަށް ޙިކުމަތްތަށް ތަފްޞީލުކޮށް އެނގުމަކީ ނިޢުމަތަކެވެ. އަދި އެ ވަންހަނާވެފައިވުމަކީވެސް ނިޢުމަތެކެވެ.

      މިއީ ފުރިހަމަ މުއުމިނެއްގެ ޙާލެވެ. އެނާއަށް ﷲ މެދުވެރިކުރެއްވި ކަމެއްގެ ޙިކުމަތް ދެނެގަނެވިއްޖެނަމަ، އެކަމަށް އޭނާ ޙަމްދުކުރެއެވެ. އަދި އެކަލާނގެއާމެދު އޮންނަ ޔަޤީންކަން އިތުރުވެއެވެ. އަދި އެކަމުގައި ކެތްތެރިކަމާއެކު ޘާބިތުވެއެވެ.

      އަދި، އޭނާއަށް އެކަމެއްގެ ޙިކުމަތް ނޭނގިއްޖެ ނަމަ، އީމާންކަމާއެކު އޭނާގެ ވެރި ރައްބަށް ބޯލަނބާ ކިޔަމަން ގަނެއެވެ. އަދި އެކަމުގައި ޙިކުމަތެއް ވާނޭ ކަމާ، އެ ޙިކުމަތް އޭނާގެ ބުއްދިން ދެނެނުގަނެވުނުކަން ޤަބޫލުކުރެއެވެ. އެހެނީ، އެކަމަކީ އެންމެހައި ތަކެތި ޚަލްޤުކުރެއްވި ޙިކުމަތްވަންތަ އިލާހުގެ މިންވަރުފުޅު ކަމުގައި ވާތީއެވެ.

      އޭނާއަށް އެކަމުގެ ޙިކުމަތް ނޭގޭ ކޮންމެ ކަމެއްގައި ބޯލަނބާ ކިޔަމަންގަތުމަކީ ބޮޑުވެގެންވާ ނިޢުމަތެއް ކަމުގައިވާއިރު، ފަހެ، އަޅާއަށް އީމާން ކަމުގެ ދޮރުތަކާ، ޔަޤީންކަމުގެ ކަނޒުތަކާ، ހިދާޔަތުގެ ދޯދިތައް ކިހާމިންވަރަކަށް ލިބޭނެ ތޯއެވެ؟! އެހެނީ، ޙިކުމަތުގެ ތެރެއިން ގިނައީ އަހަރެމެންނަށް ނޭނގޭ ކަންކަން ކަމުގައި ވާތީއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެންމެ އޯގާވަންތަ އެންމެ ޙިކުމަތްވަންތަ އިލާހެވެ. ތަޖުރިބާކުރި އަޅަކަށް މެނުވީ މިކަމެއް ނޭނގޭނެއެވެ.

    • އޭނާއާ އެއްފަދަ އަޅެއްގެ ޙިކުމަތް ދެނެގަތުމަށް ނުކުޅެދިފައިވާ އަޅާ، އޭނާގެ ވެރި ރައބުގެ ޙިކުމަތްފުޅުތަށް ދެނެގަތުމުގައި މާބޮޑަށް ނުކުޅެދުންތެރި ވެގެންވެއެވެ.

      އެހެންކަމުން ތިބާގެ ޙަޤީޤީ މަޤާމު ހިތައް ގެނެސްގަނެ، ތަވާޟުޢުވެރި ވާށެވެ! އަދި ބޮޑާކަން ދޫކޮށްލާށެވެ!

  4. ހަތަރުވަނައީ: އަހަރެމެންގެ ބުއްދި ތަކަކީ ޟަޢީފު ބަލިކަށި ބުއްދި ތަކެކެވެ.

    އާއެކެވެ. އިންސާނާއަށް ދެއްވި ބުއްދިއަކީ، ޤަދަރުގެ ބާބު ފަދަ ބޮޑުވެގެންވީ ބާބެއް އެކުއެކީގައި ދެނެގަނެވޭ ވަރަށްވުރެ މާ ބަލިކަށި ބުއްދިއެކެވެ. މި ޙަޤީޤަތް ހިތުގެ އަޑިން ޤަބޫލުކުރާށެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. (وَخُلِقَ الْإِنسَانُ ضَعِيفًا) (އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.)

    އެކަލާނގެ އިންސާނާއަށް ވަކި އިމެއްގައި ލޮލުގެ ފެނުން ދެއްވިއެވެ. ނަމަވެސް އެ ފެނުމުން ހުރިހާ ތަނެއް އަދި ހުރިހާ ތަފްޞީލެއް ނުފެނެއެވެ. އަދި އެކަލާނގެ އިންސާނާއަށް ވަކި އިމެއްގައި އިވުން ދެއްވިއެވެ. ނަމަވެސް ހުރިހާ އަޑުތަކެއް އަދި ވަކި ވަރަކަށްވުރެ ދުރުން އަންނަ އަޑުތަކެއް ނުއިވެއެވެ. ހަމަ އެފަދައިން އިންސާނާއަށް އެކަލާނގެ ދެއެވި ބުއްދިވެސް ދެއްވީ ވަކި އިމެެއްގެ ތެރޭގައެވެ. ތައްމިނަށް ހުޅުވާލެވިފައިވާ ހުރިހާ އެއްޗެއް ދެނެގަނެވޭ ފަދަ ބުއްދި އެއް ނޫނެވެ.

    މިކަން ރަނގަޅަށް ހަދުމަކުރާާށެވެ! ތިބާގެ ބުއްދި، އޭގެ ހައްދުން ބޭރަށް ނުގެންދާށެވެ. އެހެނީ، އެކަލާނގެ ޤަދަރުގައި މިންވަރުކުރެއްވި ކޮންމެ ކަމެއްގެ ތަފްޞީލު އެނގޭ ވަރަށްވުރެ ތިބާގެ ބުއްދި މާ ބަލިކައްޓެވެ. އެއަށް ކުޅަދާނަ ނުވާ ކަމެއްގައި ވަރުބަލިވުމުން އެއަށް ގެއްލުން ނޫން އިތުރު އެއްޗެއް ނުލިބޭނެއެވެ.

  5. ފަސްވަނައީ: އެންމެ ފުރިހަމަ ޙުއްޖަތް ވަނީ ﷲ ތަޢާލާއަށެވެ. އަޅުތަކުންނަށް، އެކަލާގެ މައްޗަށް ދެއްކޭނޭ އެއްވެސް ޙުއްޖަތެއް ނޯނާނެއެވެ.

    އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. (قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ) (ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެންމެ ފުރިހަމަ حجّة ވަނީ اللَّه އަށެވެ.)

  6. ހަވަނައީ: އެއްވެސް ސަބަބަކާނުލާ ދެއްވާ ދެއްވުން، އެ ދެއްވާ ފަރާތަކުން ނުދެއްވާ ހިފެހެއްޓެވުމަކީ، އަނިޔާވެރިވުމެއްނޫނެވެ.

    ﷲ ތަޢާލާ ދެއްވާ ކޮންމެ ނިޢުމަތަކީ، އެއްވެސް ސަބަބަކާ ނުލާ އެކަލާނގެ އޯގާވަންތަކަމުން އަހަރެމެންނަށް ދެއްވާ ދެއްވުމެކެވެ. އެއީ، ހިދާޔަތު ނިޢުމަތް ކަމުގައިވިޔަސް، ޞިއްޙަތުގެ ނިޢުމަތް ކަމުގައިވިޔަސް، އިވުމާ ފެނުމާ ބުއްދީގެ ނިޢުމަތްކަމުގައި ވިޔަސްމެއެވެ. މި ނިޢުމަތްތަށް އެކަލާނގެ އަޅުތަކުންނަށް ދެއްވުން އެކަލާނގެއަށް ވާޖިބުވެގެން ނުވެއެވެ. އެކަލާނގެ ހުސްޠާހިރުވަންތައެވެ. އެކަލާނގެއަށް ކަމަކަށް ވާޖިބުކުރެވޭނޭ ހަމަ އެއްވެސް ފަރާތެއް ނުވެއެވެ. އެހެނެއްކަމަކު، އަނިޔާވެރިކަމަކީ؛ އެމީހަކު ދިނުން ވާޖިބުއެއްޗެއް ނުދީ ހިފެހެއްޓުމެވެ. އެކަލާނގެއީ އަނިޔާވެރިވެ ވަޑައި ނުގަންނަވާ އިލާހެވެ.

    އެހެންކަމުން އެކަލާނގެ ދެއްވާ އެއްވެސް ނިޢުމަތެއް އަޅަކަށް ނުދެއްވުމަކީ، އަނިޔާވެރިކަމެއް ނޫނެވެ. މިކަން ހަނދުމައިގައި ބަހައްޓާށެވެ. މާޔޫސްވުމުން ދުރުކޮށްދޭނެއެވެ.

  7. ހަތްވަނައީ: ﷲ ތަޢާލާ ކުރައްވާ ކަންކަމަކާ ސުވާލުކުރެވޭނެ އެއްވެސް ފަރާތެއްނުވެއެވެ.

    އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ) (އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ سؤال އެއް ނުކުރެވޭހުށްޓެވެ. (އެއުރެންކުރާ ކަންތަކާމެދު) އެއުރެންނާ سؤال ކުރައްވާނެތެވެ.)

    އެހެންކަމުން، އެކަލާނގެ ކަމަކަށް އިރާދަ ކުރެއްވުމުން، ނުވަތަ ކަމެއް ހިނގައިގެން ދިޔުމުން އެކަމާ މެދު ސުވާލުކުރުމެއް ނުވެއެވެ. އެހެނީ، އެކަލާނގެއީ އެކަލާނގެ އިރާދަފުޅު ކުރައްވާ ކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތަ ކަލާނގެއެވެ. އެކަލާނގެ ޙިކުމަތްފުޅާމެދު ސުވާލުނުކުރެވޭނެއެވެ. އެހެނީ، އެކަލާނގެ ފުރިހަމަ ޙިކްމަތްވަންތަކަމުން، އެއްވެސް ކަމެއް އެކަލާނގެ ބޭކާރުގޮތުގައި ނުކުރައްވާނެތީއެވެ. އަދި ބޭކާރު އެއްޗެއް އެކަލާނގެ ޚަލްޤުނުކުރައްވާނެތީއެވެ. އެކަލާނގެ އެންމެހައި އުނި ސިފަތަކުން ހުސްޠާހިރުވަންތަ ވެވޮޑިގެންވެއެވެ.

    މީހަކު ކުރާކަމަކާމެދު ސުވާލުކުރެވޭނީ، އެމީހާ އެކުރާ ކަމެއްގެ ފުރިހަމަކަމާމެދު ޝައްކުވާނަމައެވެ. ﷲ ތަޢާލާއި އެންމެފުރިހަމައަށް އެންމެހައި ކަމެއް ކުރައްވަވާ ހިންމަވައިދެއްވާ އިލާހުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިފަދަ ފުރިހަމަ ކަލެއްގެ ޢަމަލުފުޅުތަކާމެދު ސުވާލު ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

  8. އަށްވަނައީ: ތިބާ، ﷲ ތަޢާލާއަށް އަދަބުވެރިވާން ޖެހޭނޭކަން ހިތްމައްޗަށް ގެނެސްގަންނާށެވެ.

    މި ފަދަ ބާބެއްގައި ވާހަކަދައްކާއިރު، އަދި މިފަދަ މަޤާމެއްގައި އަޅާ ހުންނައިރު، އޭނާގެ ޙަޤީޤީ މަޤާމު ހިތައްގެނެސްގަންނާށެވެ. އެއީ، ނިކަމެތި، ފަޤީރު އަދި ކޮންމެ ކަމަކަށްވެސް އޭނާގެ ރައްބަށް ޙާޖަތްޖެހިފައިވާ އަޅާ، އޭނާގެ ވެރި މަތިވެރި، އެންމެހައި ކަމެއް މިލްކުވެވޮޑިގެންވާ، ޚާލިޤުވަންތަ އަދި ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހުގެ އަރިހުގައިވާ މަޤާމެކެވެ. މިފަދަ މަޤާމެއްގައި ނިކަމެތި އަޅާ ވާހިނދުގައި، އެކަލާނގެއާމެދު ބޭ އަދަބީ އެއްވެސް ކަމެއް އޭނާ ކޮށްގެން ނުވާނެއެވެ. އަދި ބޭ އަދަބީ ބަހެއް ބުނެގެން ނުވާނެއެވެ. ހިތާމައަކީ މިފަދަ ކަންކަން ހިނގައިގެންދާލެއް ކިނަކަމެވެ.

    އަޅާ، އޭނާގެ ވެރި އިލާހާ މެދު ބޭ އަދަބީ ވެއްޖެނަމަ، އޭނާ ހަލާކުގެ ތެރެއަށް ނުވެއްޓި ނުދާނެއެވެ. މިކަމާމެދު ފުންކޮށް ވިސްނާލާށެވެ!

މުޤައްދިމާތަކެއްގެ ޞިފައިގައި މި ބުނެވި ދިޔަ ޤަވާޢިދު ތަކަކީ، ޤަޟާ ޤަދަރުގެ ބާބުގައި ދިމާވާ ކޮންމެ ކަމެއްގައި، އެ ޤަވާޢިދުތަކެއްގައި ތިބާ ހިފަހަހައްޓައިފި ނަމަ ތިބާގެ ޢަޤީދާ ރައްކާތެރިވެގެންދާނޭ މުހިންމު ޤަވާޢިދު ތަކެކެވެ.

ނުބައިކަންކަމާ ހިތާމަވެރި ކަންކަން ތަޤްދީރުގައި ވަނީ ކީއްވެބާ؟

މިއީ މީހެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. އޭގެ ޖަވާބެއްގެ ގޮތުން ބުނަމެވެ. އެއްވެސް ޝައްކެއް ނެތެވެ. ހެޔޮ ކަންކަމާއި ހިތް އެދޭ އުފާވެރި ކަންކަން ތަޤްދީރު ކުރެއްވި ފަދައިން، އެކަލާނގެ ވަނީ ނުބައި ކަންކަމާއި ހިތް ނޭދޭ ހިތާމަވެރި ކަންކަންކަންވެސް ތަޤްދީރު ކުރައްވާފައެވެ. ހެވަށް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. އަދި ނުބައި ކަންކަމަކީ އެކަލާނގެ ލޯބިވެވޮޑިގެން ނުވާ ކަންކަމެވެ.

މީހަކު ސުވާލު ކޮށްފާނެއެވެ. އެކަލާނގެ ލޯބިވެވޮޑިގެން ނުވާކަމެއް އެކަލާނގެ އިރާދަކުރައްވާ ޚަލްޤުކުރައްވާނެ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދެނެގަތުމަށްޓަކައި ހަ ޤަވާޢިދެއް އެނގުން ވަރަށް މުހިންމެވެ. އެ ޤަވާޢިދުތަށް އެނގި ދެނެގަނެވިއްޖެނަމަ މި ސުވާލުގެ ޖަވާބު ލިބިގެންދާނެއެވެ.

  1. ފުރަތަމައީ: ކުރައްވާ ކަމެއްގެ ގޮތުގައިވިޔަސް، ޞިފަފުޅެއްގެ ގޮތުގައިވިޔަސް، އެކަލާނގެއަށް ނުބައިކަން ނިޞްބަތް ނުކުރެވޭނެއެވެ. އެހެނެއްކަމަކު، ނުބައިކަން ވަނީ އެކަލާނގެ ހެއްދެވި މަޚްލޫޤުންގެ ކިބައިގައެވެ. އެކަލާނގެ ކިބައިގައެއް ނޫނެވެ. އަދި އެކަލާނގެ ކުރައްވާ އެއްވެސް ކަމެއްގައި ނުބައިކަމެއް ނުވެއެވެ. އެހެނެއްކަމަކު ނުބައިކަން އެކުލެވިގެންވަނީ، އެކަލާނގެއާ މުޅީން ވަކިވެފައިވާ ކަން ރައްދުވާ ފަރާތުގައެވެ.

    ތެދެކެވެ. އެކަލާނގެއަށް ނުބައިކަން ނިޞްބަތްކުރެވޭނީ ފަހެ ކިހިނަކުންތޯއެވެ؟! އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ) (ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ.) އެކަލާނގެއީ އެންމެހައި އުނިކަންކަމުން ހުސްޠާހިރުވަންތަފަރާތެވެ. އެކަލާނގެ ކުރައްވާ އެންމެހައި ކަންކަން ކުރައްވަނީ އެންމެ ފުރިހަމަ ޢަދުލުވެރިކަމާއެކު، އެންމެ ޙިކްމަތްތެރި ގޮތަށެވެ. މިފަދަ ކަލަކަށް ނުބައިކަން ނިޞްބަތްކުރެވޭނީ ފަހެ ކިހިނަކުންތޯއެވެ؟!

  2. ދެވަނައީ: އެކަލާނގެ ހެއްދެވި އެއްވެސް މަޚްލޫޤަކީ އެކުއެކީގައި ނުބައިކަން އެކުލެވިފައިނުވެއެވެ. އަދި ކިއެއްހެއްޔެވެ، އޭގެ ބޮޑުބައިގައިވެސް ނުބައިކަން އެކުލެވިފައިވާ މަޚްލޫޤެއް ނުވެއެވެ.

    އެހެނަސް، އެކަލާނގެ މަޚްލޫޤުންގެ ތެރޭގައި ވަނީ، އެކުއެކީގައި ހެޔޮކަން އެކުލެވިފައިވާ މަޚްލޫޤުންނާއި، ބޮޑުބައިގައި ހެޔޮކަން އެކުލެވިފައިވާ މަޚްލޫޤުންނެވެ. އެ މަޚްލޫޤެއްގެ ކިބައިގައި ނުބައިކަން އެކުލެވިފައިވާ މަޚްލޫޤެއް ކަމުގައި ވިޔަސް، އެކަމުގައިވެސް ހެވެއް އެކަލާނގެ ވަނީ ލައްވާފައެވެ. އަދި އޭގައިވާ ހެޔޮކަން ނުބައިކަމަށްވުރެ ބޮޑުވެގެންވެއެވެ.

  3. ތިންވަނައީ: އެކަލާނގެ ޚަލްޤުކުރެއްވި ތަކެތީގައިވާ ނުބައިކަމަކީ ނިސްބީ އެއްޗެކެވެ. އެހެނީ އެ ނުބައިކަން އެ މަޚްލޫޤަކަށް ނިސްބަތްކުރެވެނީ، އޭގެ ވަކި ބަޔަކަށެވެ. ނުވަތަ އެކަމެއް ޖެހުމުންނެވެ.

    އެހެނަސް މި ނުބައިކަން ހުރި ކަމުގައި ވިޔަސް އެ މަޚްލޫޤެއްގެ ކިބައިގައި އެތަށް ގޮތަކުން ހެޔޮކަން އެކުލެވިގެންވެއެވެ.

    މިކަން ވިސްނިއްޖެ މީހާއަށް، އެކަލާނގެ ދުނިޔެ މަތީގައި މުޞީބާތްތަކާ ދަތިތަކާ ނުކުޅެދުންތެރިކަން ލައްވާފައިވުމުގެ ޙިކުމަތް ރަނގަޅަށް ދެނެގަނެވޭނެއެވެ. އަދި އޭގެ ފަހަތުގައި ގިނަގުނަވެގެންވާ ހެޔޮކަން ލައްވާފައިވާނެކަން ޔަޤީންކުރެވޭނެއެވެ. މި މޭރުމުން ވިސްނާނަމަ، މި މުޞީބާތްތަކާއި ދަތިތަށް ވުޖޫދުގައި ވުން، އެކަން ނުވުމަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި މާ ލޮބުވެތިކަންބޮޑުވެގެންވެއެވެ.

  4. ހަތަރުވަނައީ: ނުބައިކަމަށްވުރެ ހެޔޮކަން އެކަލާނގެ މަޚްލޫޤުންގެ ކިބައިގައި އެތައް ގުނައަކަށް އެކުލެވިގެންވެއެވެ.

    ބަލާލި ކޮންމެ ދިމާލަކުން މިކަން ސާފުކޮށް ފެންނާނެއެވެ. ހޮސްޕިޓަލްތަކުގައި ތިބި މީހުންނަށްވުރެ އެތާގައި ނެތް މީހުން ގިނައެވެ. ބޮޑެތި ހާދިސާތަކާއި ކާރިޘާތައް ހިނގާ ވަގުތުތަކަށްވުރެ އެކަންކަން ނުވާ ވަގުތުތައް ގިނައެވެ. މިފަދަ އެތައް ކަމެއް ކުޑަކޮށް ވިސްނާލިޔަސް ހާމަވެގެންދާނެއެވެ.

  5. ފަސްވަނައީ: ނުބައިކަން އެކުލެވިފައިވާ ކަމެއްގައިވާ ހެޔޮކަން ބައެއްފަހަރު ފާޅުވެދާނެއެވެ. އަދި ވަންހަނާވެސް ވެދާނެއެވެ.

    މިއީ ޙިކްމަތް ދެނެގަނެވުމާ ގުޅިފައިވާ ކަމެކެވެ. މިކަން އިސްވެ ބަޔާންވެގެން ގޮއްސިއެވެ.

  6. ހަވަނައީ: އެކަލާނގެ ހެއްދެވި ތަކެތީގައި އެކުލެވިފައިވާ ނުބައިކަމަކީ، އޭގެ ޒާތުގައި އެ ނުބައިކަން ގަސްތުކުރެވިފައިވާ ކަންކަމެއްނޫނެވެ. އެހެނަސް އޭގެން ޤަސްތުކުރެވިގެންވަނީ އެހެން ކަމެކެވެ.

    އެހެން ޢިބާރާތަކުން ބުނަނީނަމަ، ﷲ ތަޢާލާ ނުރުއްސަވާ ކަންކަން މި ވުޖޫދުގައި ލެއްވުމަށް އެކަލާނގެ އިރާދަފުޅު ކުރައްވާފައިވަނީ، އޭގެ ސަބަބުން އެކަލާނގެ ރުއްސަވާ އަދި ލޯބިވެވޮޑިގެންވާ އެހެން ކަމެއް މެދުވެރިކުރެއްވުމަށެވެ.

    ދުނިޔެވީ މިސާލެއްޖަހާލާނަމެވެ. ހަށިގަނޑުގެ ގުނަވަނަކަށް ކެންސަރު ޖެހިފައިވާ މީހެއްގެ ގާތުގައި، އޭނާގެ ޑޮކްޓަރު އެގުނަވަން ބުރިކޮށްލަން ޖެހޭކަމަށް ބުނެފިއެވެ. މި ކަމަކީ، ޑޮކްޓަރުވެސް އަދި އެ ބަލި މީހާވެސް ހިތް އެދޭ ކަމަކަށް ނުވާނެއެވެ. ސަބަބަކީ އޭނާގެ އެ ގުނަވަން ތާ އަބަދަށް އޭނާއާ ވަކިވެގެންދާނެތީއެވެ. އެހެނަސް، އެއީ ކިތަންމެ ނުރުހޭ ކަމެއް ކަމުގައިވިޔަސް އެ ދެމީހުންވެސް އެކަމާ ޤަބޫލުވެ އެ ގުނަވަން ބުރިކޮށްލުމަށް އެއްބަސްވެއެވެ. ސަބަބަކީ ކޮބާތޯއެވެ؟ އެއީ އޭނާގެ ގަޔަށް އިތުރަށް އެ ބަލި ފެތުރުން ހުއްޓުވާ އޭނާ ދުނިޔޭގައި ހުރުމުގެ ސަބަބަކަށް އެ ގުނަވަން ބުރިކޮށްލުން ވާތީއެވެ. އެ ގުނަވަން ބުރިކޮށްލުމަށް އެކަނި ބަލާނަމަ، އެއީ ވަރަށްބޮޑު އަނިޔާއެކެވެ. ނަމަވެސް އޭނާގެ ޞިއްޙަތާ ފުރާނައަށް ބަލާނަމަ އެއީ ބޮޑުވެގެންވާ ހެވެކެވެ.

ދުނިޔޭގައި ދަތިކަމާ ހިތާމައިގައި އުޅޭ އަޚާއެވެ. އަދި އުޚްތާއެވެ. ތިފަދަ ޙާލެއްގައި މި ދުނިޔޭގައި ތިވަނީ ތިބާ އެކަނޏެއް ނޫނެވެ. އަދި ތިބާއަށްވުރެ ދަތި ޙާލުގައި އުޅޭމީހުން ތިބާގެ ވަށައިގެން ބަލާލައިފިނަމަ ފެންނާނެއެވެ. ތިބާއަކީ، ﷲ ތަޢާލާގެ ޙަޟްރަތުގައި، ތިބާއަށްވުރެ ހެޔޮ ޙާލުގައިވާ މީހާއަށްވުރެ މާ ހެޔޮކަން ބޮޑު މީހެއް ކަމުގައި ވެދާނެއެވެ. އަދި ތި މުޞީބާތަކީ، ސުވަރުގޭގައި ތިބާގެ ދަރަޖަ އެތަށްގުނައަކަށް އުފުލާދެނިވި ސަބަބެއްކަމުގައި ވެދާނެއެވެ.

މަތީގައި ބަޔާންމިކޮށްލީ މުޞީބާތްތަކާއި ތުރާތަކާއި ނޭދެވޭ އެންމެހައި ކަންކަން ދުނިޔެމަތީގައި ދިމާވުމުން، އެކަންކަމާމެދު ފައްސި ނަޒަރަކުން ވިސްނުމަށް އެހީވެދޭނެ ބައެއް ނުކުތާތަކެވެ. އެ ކަންކަން ރަނގަޅަށް ދެނެގަނެ، ދިމާވާ ކޮންމެ ކަމަކީވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙިކްމަތްވަންތަ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ކަލެއްގެ އިރާދަފުޅާއި ނިންމެވުންކަން ހިތުގެ އަޑިން ޤަބޫލުކޮށް، ޤަޟާ ޤަދަރަށް ފުރިހަމައަށް ކިޔަމަންވާށެވެ. އަދި ކެތްތެރިކަން އިސްކުރާށެވެ. މި ފަދަ ޙާލަތްތަކުގައި އެކަލާނގެއާ ކުއްތަންވެވޭނެ އެންމެ ބޮޑު އެއް އަޅުކަމަކީ ކެތްތެރިވުން ކަމުގައި ދަންނާށެވެ.

ﷲ ތަޢާލާ އަޅަމެން އެންމެނަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ އަޅަމެންގެ މަރު ނުހިތްޕަވާށިއެވެ. އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތް އަޅަމެންނަށް މިންވަރުކުރައްވާށިއެވެ. އާމީން.


  1. އައް-ޠަބަރާނީ (1428) ↩︎